ކުރިއަށްއޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެއެވެ.
ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ފާހަގަކޮށް އެއިދާރާއިން ބުނީ ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރު ކުރާނެކަމަށެވެ.
އެއިދާރާއިން ބުނެފައިވާ ގޮތުގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރު ދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މޫސުމުގެ ގޯސްވުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ އިރުން، ބޭ އޮފް ބެންގާލްގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެއާ ކައިރިވަމުން އައުންކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ކުރިން ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ސަރަޙައްދުގައި ގިނަ ޢަދަދެއްގެ ވިއްސާރަ ވިލާ އުފެދެމުންދާކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
އެއިދާރާއިން ބުނެފައިވާ ގޮތުގައި މޫސުން އެންމެ ގޯސްވާނެކަމަށް ލަފާކުރެވެނީ އަންނަ ހުކުރު ދުވަހުއެވެ. މިއާއިއެކު އެއިދާރާއިން ވަނީ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކުގެ ރައްޔިތުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.




