އަންނަ މަހުގެ 15 އިން ފެށިގެން ސިޔާސީ ޕާޓީތަކުގެ މެންބަރުކަމަށް އެދެވޭނީ ހަމައެކަނި އީ-ފާސް މެދުވެރިކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.
ރައްޔިތުންގެ ހުއްދައަކާ ނުލައި ސިޔާސީ ޕާޓީތަކުގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ޝަކުވާތައް އިތުރުވަމުން އަންނަ ދަނޑިވަޅެއް އިލެކްޝަންސް ކޮމިޝަނުން މިބަދަލު ގެނައުމަށް ނިންމާ ބުނެފައި ވަނީ މިއީ ދިގު މުއްދަތެއްގައި ދިމާވަމުން އައި މައްސަލައަކަށް ދާއިމީ ހައްލެއް ހޯދުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.
މިކަން އިއުލާން ކުރައްވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، އީ-ފާސް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަންގެ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމުން، ގިނަ މައްސަލަތަކަށް ހައްލު ލިބިފައިވާ ކަމަށެވެ.
އައު ނިޒާމުގެ ދަށުން، ހަމައެކަނި އީ-ފާސްގެ ވެރިފައިޑް އެކައުންޓްތަކުން ސިޔާސީ ޕާޓީތަކުގެ މެންބަރުކަމަށް އެދެވޭނެކަން ހާމަކުރައްވާ ޒަކަރިއްޔާ ވިދާޅުވީ ބަޔޯމެޓްރިކް ޑޭޓާ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މަޢުލޫމާތު ބޭނުންކޮށްގެން ވެރިފައިޑް އެކައުންޓެއް މެދުވެރިކޮށް ނޫނީ މެންބަރުކަމަށް އެދެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
މިއާއެކު، ކަރުދާހުގައި ފުރާ ފޯމުތައް ބަލައިގަތުން މި މަހުގެ 30 ގައި ހުއްޓާލެވޭނެ ކަމަށް ވެސް ޒަކަރިއްޔާ ވިދާޅުވިއެވެ.



