އިޒްރޭލުން ފަލަސްތީނުގެ ރަށްތަކަށް ވެރިވެގަނެ، އަތުލި ބިންތަކާއި ނިގުޅައިގަތް ޙައްޤުތައް ވެސް އަނބުރާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިނަލްއަގުވާމީ މުޖުތަމަޢުއަށް ގޮވާލައްވައިފިއެވެ.
ފާއިތުވީ 15 މަސް ދުވަހު އިޒްރޭލުން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންގެންދިޔަ ހަމަލާތައް ނިމުމަކަށް ގެނެސް ހަނގުރާމަ ހުއްޓާލަން ނިންމާފައިވުމުން ރައީސް މުޢިއްޒު ވަނީ އެކަމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައާއި އެމަނިކުފާނުގެ ނަންފުޅުގައި މަރުޙަބާ ދަންނަވާފައެވެ.
އެ އުފަލުގައި ބައިވެރިވެޑައިގަންނަވާކަން ހާމަކުރައްވަމުން ”އެކްސް“ މެދުވެރިކޮށް ރައީސް މުޢިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުން ފަލަސްތީނަށް ދިން ގެއްލުމުގެ ބަދަލު ދޭން ޖެހޭ ކަމަށެވެ.
އެގޮތުން ޣައްޒާއަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލުމަށް ނިންމި ނިންމުން ދެމެހެއްޓުމަށާއި، ގެދޮރު ގެއްލުނު ޣައްޒާގެ ރައްޔިތުންނަށް އެމީހުންގެ ބިންތައް އަނބުރާ ދިނުމަށާއި އެމީހުންގެ ވަޒަނަށް އަނބުރާ ދިޔުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީއަށް ފުރުސަތު ދިނުމަށް ރައީސް މުޢިއްޒު ވަނީ ބައިނަލްއަގުވާމީ މުޖުތަމަޢުއަށް ގޮވާލައްވާފައެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވަނީ އިޒްރޭލުން ފަލަސްތީނަށް ދިން ގެއްލުންތަކުގެ ބަދަލު ދިނުމަށް ވެސް ގޮވާލައްވާފައެވެ. އެގޮތުން އިޒްރޭލުން ދިން ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކާއި ބިނާރު، އަލުން އާރާސްތުކުރުމަށް ބޭނުންވާ އަވަސް އެހީ ފަލަސްތީނަށް ފޯރުކޮށްދިނުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
ހަނގުރާމަ ހުއްޓާލުމަށް ހަމާސް ޖަމާޢަތާއި އިޒްރޭލުގެ އިސް އޮފިޝަލުންތަކަކާ ދެމެދު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވަނީ ދޯހާ ގައެވެ. އަދި ހަނގުރާމަ ހުއްޓާލުމަށާއި، އިޒްރޭލު ސިފައިން ޣައްޒާއިން އެއްކޮށް ފޭބުމަށާއި ހައްޔަރީން ދޭކޮށްލުމަށް ވެފައިވާ އެއްބަސްވުމަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ މިމަހުގެ 19 ވާ އާދީއްތަ ދުވަހު ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.



