ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާންގެ ގެއަށް ވަގަށް މީހަކު ވަދެ އޭނާއަށް ވަޅިން ހަމަލާދީފިއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ބާންޑްރާގައި ހުންނަ ސައިފްގެ އެޕާޓްމަންޓަށް މީހަކު ވަދެފައިވަނީ ރޭ ދަންވަރު 2:00 ހާއިރެވެ. އަދި އޭނާގެ ގަޔަށް ހަ ފަހަރަށް ވަޅި ޖެހިކަމަށާއި އޭނާގެ ކަރަށާއި މައިބަދަ ކައިރިއަށް ވެސް ވަޅިޖަހާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ބާންޑްރާ ފުލުހުން ބުނެފައިވަނީ އެމީހާ ސައިފްގެ ގެއަށް ވަނީ ވައްކަން ކުރުމުގެ ނިޔަތުގައި ކަމަށް ބެލެވޭ ކަމަށާއި، ސައިފްއަށް އެވަގުތު ނިދިން ހޭލެވި، އޭނާ ހުއްޓުވަން އުޅުމުން ހަމަލާދިނީ ކަމަށް ބެލެވޭ ކަމަށެވެ.
ގައިގެ ހަ ތަނެއް ޒަހަމްކޮށްލާފައިވުމުން މިވަގުތު ސައިފްގެ އޮޕަރޭޝަންތަކެއް ކުރެވެމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ ސައިފްއަށް ހަމަލާދިން މީހާ، ފުލުހުންނަށް އެތަނަށް ދެވުމުގެ ކުރިން އެތަނުން ފިލާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ސައިފްއަށް އެ ހަމަލާ ދިންއިރު އޭނާގެ އާއިލާގެ އެހެން މީހުން ވެސް އެވަގުތު އެ ފްލެޓުގައި ތިއްބެވެ.




