މިދިޔަ މަހު ސަރުކާރުގެ ކެބިނެޓަށް ގެނައި ބަދަލާއެކު މަގާމުތަކަށް އަލަށް އައްޔަނު ކުރެއްވި ހަތަރު މިނިސްޓަރުންނަށް ރުހުން ހޯދަން ފޮނުވި މައްސަލަ ދިރާސާ ކުރެއްވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ބައެއް މިނިސްޓްރީތަކުގެ ނަންތައް ބަދަލުކުރައްވައި، ކެބިނެޓަށް ބަދަލުތަކެއް ވެސް ގެންނަވާފައެވެ. އެގޮތުން ހަތަރު މިނިސްޓްރީއަކަށް މިނިސްޓަރުން ވެސް އެދުވަހު އައްޔަނު ކުރެއްވިއެވެ.
އެއީ:
- ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރަކަށް ތ. ބުރުނި، ނިވައިދޮށުގެ، މޫސާ ޒަމީރު
- ހަޔަރ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރަކަށް މއ. ވެނީލާ، ޑރ. އަލީ ހައިދަރު އަހްމަދު
- އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓަރަކަށް މއ. މާރާދަގެ، ޑރ. މަރްޔަމް މާރިޔާ
- ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރަކަށް ގދ. ފިޔޯރީ، ގުލްބަކާގެ، ޑރ. އަބްދުﷲ މުއްތޮލިބް
މި ހަތަރު މިނިސްޓަރުންނަށް ރުހުން ދެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ދައުރުން ބޭރުން މިއަދު ވަނީ ޖަލްސާއެއް ބާއްވާފައެވެ. އެޖަލްސާގައި މި ހަތަރު ބޭފުޅުންނަށް ރުހުން ދެއްވުމަށް އެދި ރައީސް މުޢިއްޒު މަޖިލިހަށް ފޮނުއްވި ސިޓީފުޅު އިދާރީ މޭޒުން ވަނީ ތަޅުމަށް އިއްވާފަ އެވެ.




