މޯލްޑިވިއަން އެއާލައިންސް އިން އަލަށް ގެނައި ވައިޑް-ބޮޑީ އެއާކްރާފްޓް އޭ330 މަތިންދާބޯޓުން ޗައިނާ އަށް ދަތުރުކުރުމަށް ބުކިން އަށް ހުޅުވާލައިފިއެވެ.
ޗައިނާގެ ބޮޑު 3 ސިޓީއަކަށް ދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަންއިން ވަނީ ހާއްސަ އަގުތަކެއް އިއުލާނުކޮށްފައެވެ. އެގޮތުން ޗައިނާގެ ޗެންގްޑޫ އަށް ދަތުރުކުރުމަށް ދެކޮޅު ޓިކެޓުގެ އަގަކީ 668 ޑޮލަރ (10،610 ރުފިޔާ) އެވެ. ޗެންގްޑޫ އަށް ދަތުރު ކުރުމަށް މި އަގުގައި ޓިކެޓު ލިބޭނީ މި މަހު 22 އިން 25 އާ ދެމެދު އެ ސިޓީއަށް ދަތުރު ކުރާ ނަމައެވެ.
މީގެ އިތުރުން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރުމަށް ދެކޮޅު ޓިކެޓު އަގަކީ 788 ޑޮލަރު (12،151 ރުފިޔާ) އެވެ. މި ހާއްސަ އަގުގައި ބެއިޖިންއަށް ދަތުރު ކުރެވޭނީ މި މަހު 24 އިން ފެށިގެން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހާއި ހަމަޔަށެވެ.
އަދި ޗައިނާގެ ޝެންގްހައި އަށް، 27 ޖެނުއަރީ އިން ފެށިގެން ފެބްރުއަރީ 4 ވަނަ ދުވަހާއި ހަމަޔަށް ދަތުރުކުރެވޭނެ ހާއްސަ އަގެއްގެ ގޮތުގައި މޯލްޑިވިއަން އިން އިއުލާނުކޮށްފައިވަނީ 777 ޑޯލަރު (11،981) ރުފިޔާއެވެ.
މޯލްޑިވިއަންގެ އާ ވައިޑްބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. މި ބޯޓުގައި އެއްފަހަރާ 264 ޕަސެންޖަރުންނަށް ދަތުރުކުރެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ކޮންމެ ޕަސެންޖަރަކަށްވެސް 40 ކިލޯގެ ލަގެޖު މި ބޯޓުގައި ގެންދެވޭނެ ކަމަށްވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 13 މަތިންދާ ބޯޓު އޮތް އިރު، ރާއްޖެ 13 މަންޒިލަކަށާއި، އިންޑިއާ، ސްރިލަންކާ އަދި ބަންގްލަދޭޝްއަށް އެ އެއާލައިނުން ދަތުރުކުރެއެވެ.



