ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަށް ޚާއްސަކޮށް ސައުދީ އަރަބިއާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރުބެހުން، މިމަހުގެ 20 ވާ ހޯމަ ދުވަހު ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ކަމަށެވެ.
ސައުދީން ހަދިޔާކުރި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ކޮންމެ 100 ގޭބިސީއަކަށް 20 ޕެކެޓުގެ ކަދުރެވެ. އެގޮތުން ކަދުރު ބެހުމުގައި ބަލާނީ ގޭބިސީއެއްގެ ކަރަންޓު މީޓަރުގެ ނަންބަރާ، ކަދުރާ ހަވާލުވާ މީހާގެ އައިޑީކާޑަށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ މާލެ ސަރަހައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ގައި ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީގައި ކަމަށެވެ. އަދި ރަށްރަށަށް ނުވަތަ އަތޮޅު ތެރެއަށް ކަދުރު ބަހާނީ، ކުރިންވެސް އަމަލުކުރަމުން އައި އުސޫލުން ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މާލެ ސަރަހައްދުގައި ކަދުރު ދޫކުރާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 6 އާ ހަމަޔަށް ހެނދުނު 9:30 އިން 13:00 އަށެވެ.



