ޕްރޮޕޯޒަލް ހުށަހެޅި ކައުންސިލްތަކަށް ފަޅުރަށްތައް ހަވާލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިކަން ހާމަކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލްތަކަށް ފަޅުރަށް ލިބޭގޮތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވި ސިޔާސަތުގެ ދަށުން ޕްރޮޕޯޒަލް ހުށަހެޅި ކައުންސިލްތަކަށް ފަޅުރަށްތައް ހަވާލު ކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު ނިންމަވައިފާ ކަމަށެވެ.
މި މަސައްކަތް ކުރިއަށް ގެންދާނީ މާލީ ވުޒާރާ އާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ ގުޅިގެންކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ވަޒީރު ހާމަކުރެއްވި ގޮތުގައި، ޕްރޮޕޯޒަލް ހުށަހަޅައިގެން ފަޅުރަށްތައް ލިބޭނެ ކައުންސިލްތަކުގެ ތެރޭގައި ހިމެނެނީ:
• ރ. އިންގުރައިދޫ ކައުންސިލަށް ރ. ނެޔޮ
• ދ. އަތޮޅު ކައުންސިލަށް ދ. މަޑިފުށި އަދި ފެންފުށި
• ލ. މާވަށް ކައުންސިލަށް ލ. ބޮޑުމާބުޅަލި
މި ޚަބަރު ހާމަކުރައްވަމުން، ވަޒީރު ވަނީ ރ. އިނގުރައިދޫ، ދ. އަތޮޅު އަދި ލ. މާވަށު ކައުންސިލަށާއި އެ ރަށްރަށުގެ ހުރިހާ ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.



