ރާއްޖޭގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ”ފްލޯޓިންގް ސިޓީ“ މަޝްރޫއަށް އެސްޓޯނިއާގެ ފަރާތުން ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޓާރްޓޫ ސިޓީގެ މޭޔަރު އަރްމަސް ކްލާސް އިންތިޒާމުކުރެއްވި ރަސްމީ ފަރިއްކޮޅެއްގައި، އެސްޓޯނިއާގެ އިސްވެރިން ވަނީ ”ފްލޯޓިންގް ސިޓީ“ މަޝްރޫޢާ މެދު ޝައުގުވެރިކަން ދައްކާފައެވެ.
އެގޮތުން، ރައީސް މުޢިއްޒު ވަނީ މި މަޝްރޫޢުގެ ދެމެހެއްޓެނިވި ސިފަތަކާއި، އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރެވިދާނެ އެހެނިހެން ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު، ޚާއްޞަކޮށް އާންމު ޚިދުމަތްތަކާއި، ތަޢުލީމީ ދާއިރާއާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާގައި އެސްޓޯނިއާގެ ތަޖުރިބާއިން ރާއްޖެއަށް ފައިދާކުރެވިދާނެ ގޮތްތަކުގެ މައްޗަށް ވަނީ މަޝްވަރާކޮށްފައެވެ.



