މާލޭގެ އިސްކޫލެއްގައި ކިޔަވަމުންދާ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކަށް މުދައްރިސަކު އަނިޔާކޮށްފިކަމަށް ބުނެ ހުށަހެޅުނު މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގުކުރަން ފަށައިފިއެވެ.
ސްކޫލުން މިމައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމއިއެކު މިކަން މިމައްސަލަ ފުލުހުންނަށް ހުށައަޅާފައިވާނޭ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މަޢުލޫމާތު ދެއްވިއެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ފުރަތަމަ ސްކޫލުގެ އިސްވެރިންގެ ސަމާލުކަމަށް މި މައްސަލަ އައުމާއެކު، އެކަން ވަގުތުން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އަދި މިނިސްޓްރީން ލަސްނުކޮށް މި މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވީ ދަރިވަރުންނަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރުމަކީ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް މުސްތަގުބަލުގައި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އިތުރު ފިޔަވަޅު އަޅާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވ ކުއްޖަކަށް މާލޭގެ ސްކޫލެއްގެ ޓީޗަރެއް އަނިޔާ ކުރި މައްސަލައެއް މިނިސްޓްރީން އޮފް އެޑިއުކޭޝަނުން މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.



