އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލާނެކަމަށް އިޢުލާންކުރުމަށްފަހު، އަނެއްކާވެސް ހަމަލާތައް އިތުރުކޮށްފިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ހަނގުރާމަ ހުއްޓުވުމާ ގުޅޭ އެއްބަސްވުމަށް ކެބިނެޓުން ވޯޓުލުން ލަސްކޮށް ޣައްޒާއަށް ދޭ ހަމަލާތައް އިތުރުކޮށްފައެވެ.
ޣައްޒާގެ ސިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި މަދުވެގެން 81 ފަލަސްތީނު މީހުން ވަނީ މަރުވެފައެވެ. މި އަދަދު އިތުރުވަމުންދާކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިޢުލާންކުރުމާ ގުޅިގެން ފަލަސްތީނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފާފާޅުކުރަން ފަށާފައިވާއިރު، މި އެއްބަސްވުމަށް އަމަލުކުރަން ފަށާން ކަނޑައަޅާފައި ވަނީ 19 ޖެނުއަރީ 2024، އާދިއްތަ ދުވަހުއެވެ.
ހަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ އިއްޒަތް އަލް-ރިޝެޤް ވިދާޅުވި ގޮތުގައި ޤަތަރުގެ ވެރިރަށް ދޯހާގައި ވެވުނު މި އެއްބަސްވުމުގައި ހަމާސް ޖަމާޢަތުގެ ހުރިހާ ޝަރުތުތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި އިސްރާއީލުގެ ސިފައިން ޣައްޒާއިން އެއްކޮށް ފޭބުމާއި، ގެދޮރު ދޫކޮށްފައި ދިޔަ މީހުން އެނބުރި އެމީހުންގެ ގެތަކަށް ގެނައުމާއި، އަދި ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުން ހިމެނެއެވެ.
އޮކްޓޯބަރ 7، 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 46،788 ފަލަސްތީނު މީހުން މަރުވެ، 110،453 މީހުންނަށް ވަނީ ޒަޚަމްވެފައެވެ.
މި ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވާލަމުންދާއިރު، އަދިވެސް ދެފަރާތުގެ މެދުގައި އެއްބަސްވުމަކަށް ނާދެވި، ޣައްޒާގެ ރައްޔިތުން ދަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލަމުންނެވެ.



