އެސްޓޯނިއާއިން ރާއްޖެއާއިއެކު އޮންނަ ގާތް ގުޅުން މާ ފުޅާކޮށް ބޭއްވުމަށް ބޭނުންވާކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޚާރިޖީ ވަޒީރު ވިދާޅުވީ، ރާއްޖެއަށް އެހީތެރިވާ ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށާއި އެސްޓޯނިއާއަކީ ރާއްޖެއަށް ފައިދާކުރާނެ މުހިންމު ދާއިރާތަކުން އެހީތެރިވެދޭނެ ޤައުމެއް ކަމަށެވެ.
ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ 15 އިންސައްތަ ޑިޖިޓަލް އިޤްތިޞާދުގެ ގޮތުގައި ހެދުމަށް ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް އެސްޓޯނިއާއިން އެހީތެރިވެދޭނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށެވެ.
މީގެއިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއާއި އެސްޓޯނިއާއަށް ގުޅިގެން މަސައްކަތްކުރާނެކަން ހާމަކުރައްވާ ވަޒީރު ވިދާޅުވީ ޚާއްޞަކޮށް މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކުރުމުގެ އުސޫލުތަކާއި ސިޔާސަތުތަކުގައި ދެ ޤައުމުގެ މެދުގައި ވަރަށް އެއްގޮތް ސިފަތަކެއް އެބަ ހުރި ކަމަށެވެ.



