ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޝީރީން ނާހިދާ ލަތީފް ވަޒީފާއިން ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިކަން އިއުލާންކޮށް މިއަދު ބުނެފައިވަނީ، ޝީރީނާއާ ގުޅޭގޮތުން ތަޙްޤީޤު ކުރެވުނު މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެން މި ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ޖޭއެސްސީ އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ޝީރީން ސަސްޕެންޑްކޮށްފައިވަނީ މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް 15 ދުވަހުގެ މުއްދަތަށެވެ. އަދި ޝީރީން ކޮށްފައިވާ ޢަމަލަކީ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއްކަމަށް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު ތަފްޞީލެއް ޖޭއެސްސީ އިން ހާމަކޮށްފައެއް ނުވެއެވެ.



