ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު އަލީ ކޮރަޕްޝަނުގެ ޢަމަލެއް ހިންގި ކަމަށް ބުނެ، މި މައްސަލަ ތަޙުޤީޤުކޮށް ދިނުމަށް އެދި އިއްޔެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާއިފިއެވެ.
ސައުދުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އެސިޓީގެ ބަނދަރުމަތީގައި ޤާއިމުކޮށްފައިވާ މޮނިއުމަންޓެއް ތަރައްޤީ ކުރުމުގައި ސައުދު ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެއެވެ. މިމައްސަލަ އޭސީސީއަށް ހުށަހަޅައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ.
އޭސީސީއަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މޮނިއުމަންޓު އިމާރާތްކުރުމަށް ވާއްޓޭ އިންވެސްޓްމަންޓް ނަމަކަށް ބޭނުންކޮށްގެން ބިޑު ކާމިޔާބުކޮށް، ނަމަވެސް އެ މަސައްކަތް ކުރުވާފައިވަނީ ތިނަދޫ ސިޓީ ކައުންސިލްގެ މުވައްޒަފުން މެދުވެރިކޮށެވެ. މީގެ އިތުރުން، މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ތިނަދޫ ފުލެޓުތަކާ ޖެހިގެން އޮންނަ ކައުންސިލްގެ ބިމެއްގައި ކަމަށް ވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި އިތުރު ތުހުމަތުތަކެއް ވެސް ކުރެވެއެވެ. އޭގެ ތެރޭގައި، ވާއްޓޭ އިންވެސްޓްމަންޓްގެ ނަމުގައި ބިލު ތައްޔާރުކޮށް، އެ އިންވެސްޓްމަންޓާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނެތި، އެހެން ފަރާތެއްގެ އެކައުންޓަކަށް މަސައްކަތުގެ ފައިސާ ޖަމާކުރި ކަމަށް ބުނެފައިވެއެވެ.
ސިޓީގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ކައުންސިލްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓުން މި ފައިސާ ޖަމާކޮށްފައިވަނީ ޝޮމާސާ އިންވެސްޓްމަންޓްގެ ނަމުގައި ބީއެމްއައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. ޝޮމާސާ އިންވެސްޓްމަންޓަކީ ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު އަލީގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ކަމަށް ވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މި ތުހުމަތުތަކާ ގުޅިގެން، ޝޮމާސާ އިންވެސްޓްމަންޓަށް ފައިސާ ޖަމާކުރި ސްލިޕާއި، އެ އިންވެސްޓްމަންޓަކީ ތިނަދޫ ސިޓީގެ މޭޔަރުގެ ވިޔަފާރިއެއްކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް ވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ. މި ހުރިހާ ކަމަކާ ގުޅިގެން، މި މައްސަލަ ތަޙުޤީޤުކޮށްދިނުމަށް މެންބަރު ވަނީ އޭސީސީގައި އެދިފައެވެ.


