ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ އިސްވެރިޔަކު އެސްޓޯނިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ދަތުރުފުޅު ނިމުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ފާހަގަކުރެއްވި ގޮތުގައި މި ދަތުރުފުޅުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އައު ދޮރުތަކެއް ހުޅުވިގެން ގޮސްފައިވެއެވެ. އަދި އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް ދެއްވި މެހެމާންދާރީއަށް ރައީސް ޑރ. މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެވިފައިވާއިރު، މީގެ ތެރޭގައި ޑިޖިޓަލައިޒޭޝަން، ތިމާވެށި އަދި ސިޔާސީ މަޝްވަރާތަކާ ގުޅޭ އެއްބަސްވުންތައް ހިމެނެއެވެ. މި އެއްބަސްވުންތަކަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަންކަންކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެސްޓޯނިއާގެ ޑިޖިޓަލް ކުރިއެރުމަކީ ހާމަކަން ބޮޑު އަދި ހަރުދަނާ ވެރިކަމެއް ކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަނެވިފައިވާ ނަމޫނާއެއް ކަމަށެވެ. އަދި މި ދާއިރާއިން އެސްޓޯނިއާގެ ތަޖުރިބާއިން ފައިދާ ހޯދުމުގެ ފުރުޞަތު ރާއްޖެއަށް ލިބުނުކަން އެމަނިކުފާނު އުފަލާއެކު ފާހަގަކުރެއްވިއެވެ.
އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އަރިހުގައި ރާއްޖޭގެ އިސް ފަންނީ ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.



