މުދަލަކީ އަޅުތަކުން އިމްތިޙާނުކުރެއްވުމަށް ޓަކައި ލައްވައިފައިވާ ސަބަބެއް ކަމުގައި މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާގައި ބާޠިލުގޮތުގައި މުދާ ކެއުމުގެ މައްޗަށް އަލިއަޅުވާލާ ބުނެފައި ވަނީ މުދަލަކީ މާތްﷲ އެކަލާނގެ އަޅުންނަށް ދެއްވާ ބޮޑު ނިއުމަތެއް އަދި އަޅުތަކުން އިމްތިޙާނުކުރެއްވުމަށް ޓަކައި ލައްވައިފައިވާ ސަބަބެއް ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.
މުދަލަކީ އިންސާނާގެ ޙަޔާތުގައި މުހިންމު އެއްޗަކަށްވާއިރު، އެއާ މެދު ނުހަނު ބޮޑަށް ރައްކާތެރި ނުވެއްޖެނަމަ ހެޔޮ މަގުން ކަސިޔާރުވެދާނެ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
އިސްލާމްދީނުގައި މުދާ ހޯދުމަށާއި މުދާ ހޭދަކުރުމަށް ހަރުދަނާ ނިޒާމެއް ލައްވާފާއިވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން، މީހުންގެ މުދަލަށް އަރައިގަތުމާއި، މުދަލަށް ޚިޔާނަތްތެރިވުމާއި، މުދާ ފޭރުމާއި، މުދަލުން ވައްކަންކުރުމާއި، ޓެކުމާއި، ރިޝްވަތުނެގުމާއި ރިބާކެއުމާއި ޖުވާކުޅުން ފަދަ ކަންކަމުން މުދާ ހޯދުން ހަރާމްކުރައްވާފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ނުފޫޒާއި ބާރު ބޭނުންކޮށްގެން ނާޖާއިޒު ގޮތުގައި ޢާންމު ފަރުދުންގެ މުދަލުންނާއި ދައުލަތުގެ މުދަލުން ތަނަވަސްކަން ހޯދުމަކީ ޙަރާމް ކަމެއް ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.
ހަމައެއާއިއެކު، ބާޠިލު ގޮތުގައި ދައުލަތުގެ މުދާ ކެއުމުގެ ތެރޭގައި ފައިސާއާއި ތަކެތި ބަލަހައްޓާ މުވައްޒަފުގެ އަތުގައި ހުންނަ ފައިސާއާއި ތަކެތީގައި ޖެހުން ހިމެނޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ މިއީ އަމާނާތަށް ޚިޔާނަތްތެރިވުން ކަމަށެވެ.
ދައުލަތުގެ މުދަލަށް ޚިޔާނަތްތެރިވުމުގެ ތެރޭގައި ރިޝްވަތު ނެގުން ހިމެނޭކަމަށް ވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ. ރިޝްވަތަކީ ވަރަށް ތަފާތު ނަންނަމުގައި ވަރަށް ގިނަ ސިފަސިފައިގައި، މީހުން މަޅީގައި ޖެއްސުމަށާއި ބޭއިންސާފުން ކަންތައްތައް ކުރުވުމަށް ބޭނުންކުރާ ތޫނު ހަތިޔާރެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ހަދިޔާއެއް ނުވަތަ ސައެއް ނުވަތަ އެހެން ނަމެއްގައި ދިން ނަމަވެސް އެ ވާނީ ރިޝްވަތަށް ކަމަށެވެ. އަދި ދުނިޔެމަތީގައި އެކަމުގެ ޢުޤޫބާތުން ސަލާމަތްވި ނަމަވެސް އާޚިރަތުގެ ޢުޤޫބާތުން އެމީހާ ސަލާމަތެއްނުވާނެކަމަށް ވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.




