ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން މަޑިއަށް ކާންދިނުމުގެ ޝަކުވާ އިތުރުވަމުން ދިއުމާ ގުޅިގެން، މި ޢަމަލު ހުއްޓާލުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ގޮވާލައިފިއެވެ.
އީޕީއޭއިން އާއްމުކޮށްފައިވާ ބަޔާނެއްގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިމާޔަތްކޮށްފައިވާ މަޑީގެ ބާވަތްތަކަށް ކާންދިނުމުގެ ހަރަކާތްތައް އިތުރުވަމުންދާތީވެ، އެކަމަށް ކަންބޮޑުވުމާއެކު ފާހަގަކޮށް ވަނީ ރާއްޖޭގައި އުޅޭ ހުރިހާ މަޑީގެ ބާވަތްތަކަކީ ޤާނޫނީ ގޮތުން ރައްކާތެރިކަން ލިބިގެންވާ ދިރުންތަކެއްކަން ހަނދާންކޮށްދީފައިވެއެވެ.
ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މަޑިއަށް ކާންދިނުމަކީ އެ ދިރުންތަކުގެ ޠަބީޢީ އާދަތަކަށް ނޭދެވޭ އަސަރުކުރާ ކަމެއްކަން ދިރާސާތަކުން ދައްކާ ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން އިންސާނުންނަށް ލިބޭ އަނިޔާތަކާއި، ބައެއް ފަހަރު ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތައް ހިނގާކަމަށް ވެސް އީޕީއިން ބުނެފައިވެއެވެ.
އީޕީއޭއިން ވަނީ މިފަދަ ހާދިސާތައް އިތުރުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އަސަރުކުރާނެ ކަމެއްކަން ފާހަގަކޮށް، މަޑިއާއި މިޔަރަށް ކާންދިނުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި މިކަމާ ގުޅިގެން ގިނަ އަދަދެއްގެ ފަތުރުވެރިން ހިތްހަމަނުޖެހުން ފާޅުކޮށް، އެޖެންސީއަށް ޝަކުވާ ހުށަހަޅަމުންދާކަމަށް ވެސް އެއޮތޯރިޓީން މައުލޫމާތުދެއެވެ.
އީޕީއޭއިން ވަނީ މިފަދަ ހަރަކާތްތައް ރާއްޖޭގައި މަޑީގެ ބާވަތްތައް ހިމާޔަތްކުރުމަށް ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހިންގުމަށާއި، އިންސާނުންނަށް ރައްކާތެރި އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި މި ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެކަމަށް ވެސް އީޕީއޭއިން ބުނެފައިވެއެވެ.



