ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.
މިއީ ދިވެހި ރައީސަކު އެސްޓޯނިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މިދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު އަށް އަށް އެގައުމުގެ ރައީސް މަރުހަބާ ދަންނަވާފައިވާއިރު، އެސްޓޯނިއާގެ ރިޔާސީ ގަނޑުވަރުގައި ބޭއްވުނު މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ދެ ޤައުމުގެ ރައީސުން ވަނީ ޝަރަފްގެ ގާޑް އިންސްޕެކްޓް ކުރައްވައި، ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އެސްޓޯނިއާގެ އިސް ވެރިންނާއި ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
މި ދަތުރުފުޅުގައި ތިން ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ. އޭގެ ތެރޭގައި ހިމެނެނީ މަޢުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި، ހަކަތައާ ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމާއި، ޕޮލިޓިކަލް ކޮންސަލްޓޭޝަން ފެށުމާއި، ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭ ފަހުމުނާމާތަކެވެ.
ރައީސް މުޢިއްޒު ވަނީ އެސްޓޯނިއާގެ މުހިންމު އަދި ޘަޤާފީ ތަންތަނަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހޯއްދަވާފައެވެ. މި ދަތުރުފުޅުން ރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށާއި، މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށް ބެލެވެއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ރާއްޖެ ޑިޖިޓަލައިޒްކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދީ، ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރެއްވުމަށް އެ މަނިކުފާނު ދެއްވާ އިސްކަން ދައްކުވައިދޭ ކަމެއް ކަމުގައި ރައީސް އޮފީހުން ބުނެފައިވެއެވެ.


