ކަނޑުތައް ގަދާވާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުމާއިއެކު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއާއިއެކު އެއިދާރާއިން ވަނީ މިއަދުގެ 14:30 އިން ފެށިގެން މިރޭ 20:00 އާއި ހަމައަށް އެސަރަހައްދަށް ހުދު ސަމާލު ނެރެފައެވެ.
މީގެއިތުރުންވެސް އެއިދާރާއިން ވަނީ ވ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭބެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ. އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. މިސަރަހައްދަށް ނެރެފައިވާ ހުދު ސަމާލު ނިމޭނީ މިއަދުގެ ހަވީރު 16:00 ގައެވެ.
މޫސުމާބެހޭ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރާއްޖެއަށް މިވަގުތު ކުރަމުންދާ ވިއްސާރައަކީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑަކާއި އެއާ ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. މި ކޮޅިގަނޑު ރާއްޖެއާ ކައިރިވަމުން އަންނާތީ، ރާއްޖޭގެ ސަރަޙައްދުގައި ގިނަ އަދަދެއްގެ ވިއްސާރަ ވިލާތައް އުފެދެމުންދާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މީގެއިތުރުން، މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވުނު ކަމުގައިވީ ނަމަވެސް، އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ފަހުން މޫސުން އިތުރަށް ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާފައިވެއެވެ. މިހެންކަމުން، މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.



