މިސްކިތްތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކާމެދު ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަބްދުލް ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މިހެން ވިދާޅުވެފައިވަނީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި ބަޔަކު ކުޅިވަރު ހަރަކާތެއް ކުރިއަށް ގެންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔުމާ ގުޅިގެންނެވެ. ދެ ޖިންސުގެ މީހުން ކުޅިވަރުގެ ހަރާކަތެއް ކުރިއަށްގެންދާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.
އެ ވީޑިއޯ ޕޯސްޓުކުރި ފަރާތުން ބުނެފައިވާ ގޮތުގައި، އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ތ. ވިލުފުށީގައި ހުންނަ މަސްޖިދުލް އުމަރު ފާރޫގްގައެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޝަހީމް މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ޤަދަރާއި އިޙުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަ އެމިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީ އިން ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
“ މިސްކިތްތަކުގެ ޙުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅާނަން. އިންޝާ ﷲ“ މިނިސްޓަރ ޝަހީމް ވިދާޅުވެފައިވެއެވެ.
މި މައްސަލަ އާ ގުޅިގެން ފުލުހުން ވިދާޅުވީ، މިއީ މިފަހުން ހިނގާފައިވާ ކަމެއް ނޫން ކަމަށާއި މިދިޔަ އަހަރުގެ ތެރޭގައި ހިނގާފައިވާ ކަމެއް ކަމަށެވެ.




