ދިވެހި ދަރިވަރުންނަށް ބުރޫނާއީގައި މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްކުރުމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއީ ބުރޫނާއީ ސަރުކާރުގެ ”ބުރޫނާއި ގަވަރމެންޓް ސްކޮލަޝިޕް ޕްރޮގްރާމް“ ގެ ދަށުން ލިބިފައިވާ ފުރުޞަތެއް ކަމަށާއި މި ޕްރޮގްރާމްގެ ދަށުން، ބުރޫނާއީގެ 5 ޔުނިވާސިޓީއެއްގައި ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ދަރިވަރުންނަށް ޑިޕްލޮމާއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް ކިޔެވިދާނެކަން ހާމަކުރައްވާ އެވުޒާރާއިން ބުނީ ކޮންމެ ދަރިވަރަކަށްވެސް އިޚްތިޔާރުކުރެވޭނީ އެންމެ ފުލްޓައިމް ކޯހެކެވެ.
މި ސްކޮލަރޝިޕްގެ ޝަރުޠުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ޝާއިޢުކޮށްފައިވާއިރު ދަރިވަރުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށް ވެސް އެވުޒާރާއިން ވިދާޅުވިއެވެ.
މިޕްރޮގްރާމްގެ ދަށުން ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީގެ އިތުރުން، ހުރުމާއި ކެއުމުގެ ޚަރަދާއި ޞިއްޙީ އިންޝުއަރެންސް ހަމަޖައްސައިދޭނެ ކަމަށް ވުޒާރާއިން ހާމަކުރައްވާފައިވެއެވެ. އަދި ގިނަ ދާއިރާތަކަކުން ކިޔެވުމުގެ ފުރުޞަތު ލިބޭނެ ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.
މިއާއިއެކު އެވުޒާރާއިން ވަނީ ކޯސް ފެށުމުގެ ކުރިން އެ ޔުނިވަރސިޓީއަކާއި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ ތަނަކާއި ކޯހެއްތޯ ބެލުމަށް ދަރިވަރުންނަށް އިރުޝާދު ދެއްވާފައެވެ. އަދި ޝައުޤުވެރިވާ ފަރާތްތަކުން 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ބުރޫނާއި ގަޑިން ހަވީރު 4 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެ ކަމަށް ވެސް އެވުޒާރާއިން ބުނެފައިވެއެވެ.



