މިސްކިތުގެ ހުރުމަތް ކެނޑޭނެ ފަދަ އެއްވެސް އަމަލެއް ނުކުރާނެ ކަމަށާއި އެފަދަ ކަމަކަށް ތަރުހީބު ނުދޭނެ ކަމަށް ތ. ވިލުފުށީ ކައުންސިލުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކާ ގުޅިގެން ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ވީޑިއޯއަކީ ނަލަހިޔާ އިސްލާމީ މަރުކަޒާ (ވިލުފުށީ މަސްޖިދުލް އުމަރުފާރޫގު މިސްކިތް) ގުޅުވައި ސަރުކާރާއި ކައުންސިލް އަދި ވިލުފުށީ ސްކޫލް ބަދުނާމުކޮށް ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ފަތުރަމުންދާ ވީޑިއޯއެއް ކަމަށެވެ.
ކައުންސިލުން ބުނެފައިވަނީ އެ ވީޑިއޯއިން ފެންނަ މަންޒަރުތަކަކީ މިދިޔަ އަހަރު ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ގެންދިޔަ ހަފުލާގެ ތެރެއިން ކުރިއަށް ގެންދިޔަ ޓީމް ބިލްޑިން ހަރަކާތެއް ކަމަށެވެ. އަދި މިހާރު ދައުރުވަމުންދާ ވީޑިއޯއަކީ މިއުޒިކް އަޅައިގެން އެޑިޓްކޮށްފައިވާ ވީޑިއޯއެއް ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.
ކައުންސިލުން އިތުރަށް ބުނެފައިވަނީ ނަލަހިޔާ އިސްލާމީ މަރުކަޒުގެ ނަލަމާލަމަކީ ދީނީ އަދި އިޖުތިމާއީ އެކިއެކި ބޭނުންތަކަށް ބޭނުންކުރަމުންދާ ތަނެއް ކަމަށެވެ. އަދި އެ ތަނުގައި ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ބާއްވާ އެކިއެކި މުބާރާތްތަކާއި ހަރަކާތްތައް ކުރިން ވެސް ބާއްވާފައިވާ ކަމަށެވެ.
ވިލުފުށީ ކައުންސިލުން ބުނެފައިވަނީ އެއީ ދީނީ ކަންކަމަށް ހާއްސަ އިސްކަމެއްދީގެން ދީނުގެ އިލްމުވެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަންކަން ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކައުންސިލެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މިސްކިތުގެ ހުރުމަތް ކެނޑޭނެ ފަދަ އަމަލެއް ނުކުރާނެ ކަމަށެވެ. އަދި އެފަދަ ކަމަކަށް ތަރުހީބު ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަންދޭކަމަށްެ ވެެސް އެކައުންސިލުން ބުނެފައިވެއެވެ.
މިވީޑިއޯ މީސްމީޑިއާގައި ދައުރުވާން ފެށުމާއިއެކު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ”އެކްސް“ މެދުވެރިކޮށް ވިދާޅުވީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ގަދަރާއި އިހްތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާ ތަން ފެންނަ ވީޑިއޯގެ މައްސަލަ މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.



