ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ތެރޭގައި ގއ. ދާންދޫއަށް ބޯކޮށް ވެހުނު ވާރެއާ ގުޅިގެން ފެން ބޮޑުވުމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ ފެން ހިންދުމުގެ މަސައްކަތުގައި ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހެނދުނު 9:00 ހާއިރު ދާންދޫގައި ފެން ބޮޑުވިކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ގދ. ތިނަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ވަނީ އެރަށަށް ގޮސް ފެން ހިންދުމުގެ މަސައްކަތް ފަށާފައެވެ.
މިގޮތުން ހިންގުނު އޮޕަރޭޝަނުގައި، މެންދުރު 12:00 ހާއިރު ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދައި، އާންމު ހާލަތަށް ގެނެވިފައިވާކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދީފައިވެއެވެ. އަދި ވެލިބަސްތާ ޖެހުމަށްޓަކައި ގއ. ދާންދޫ ކައުންސިލަށް 200 ގޯނި ވަނީ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ގއ. ދާންދޫ ކައުންސިލުން ”ސައުވީސް ނޫހަށް“ މަޢުލޫމާތު ދެމުން ބުނެފައިވަނީ، މިހާރު ރަށުގެ ހާލަތު ރަނގަޅު ކަމަށާއި މާބޮޑު ގެއްލުމެއް ލިބިފައިވާކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ފެން ބޮޑުވެފައިވަނީ ދެ ގެއެއްގައާއި، ރަށުގެ ބަނދަރު ސަރަހައްދު އަދި ދިރާގުގެ އެންޓަނާ ޖަހާފައި ހުންނަ ސަރަހައްދުގައެވެ. މި ސަރަހައްދުތަކަކީ އާންމުކޮށްވެސް ފެންބޮޑުވާ ސަރަހައްދުތަކެއްކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ކައުންސިލުން އިތުރަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ލިބިފައިވާ ގެއްލުންތައް އާދިއްތަ ދުވަހު ބެލުމަށްފަހު ކާރިސާ ރިޕޯޓެއް ތައްޔާރުކުރާނެ ކަމަށެވެ.




