މާދަމާއިން ފެށިގެން އެމެރިކާގައި ޓިކްޓޮކް ”ޝަޓްޑައުން“ ކުރަން ޖެހިދާނެ ކަމަށް އެ ޕްލެޓްފޯމް ހިންގާ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑޭންސް އިން ބުނެފިއެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެ ޤައުމުގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރަން ނިންމާފައެވެ. ނަމަވެސް އެ އެޕްލިކޭޝަނަކީ އެމެރިކާގެ 170 މިލިއަނަށްވުރެ ގިނަ ފަރާތްތަކުން ބޭނުންކުރާ އެޕްލިކޭޝަނަކަށްވުމާއެކު، އެމެރިކާއިން ފަހުން ބުނެފައިވަނީ އެ ޕްލެޓްފޯމަކީ އެ ޤައުމުގެ އެއްޗަކަށްހަދައި ލީޑަރޝިޕް ބަދަލު ކުރުމަށެވެ.
ނަމަވެސް މިކަމަށް ޗައިނާއިން އަދި އެއްބަސްވެފައިނުވާތީ، މާދަމާއިން ފެށިގެން އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާވެދާނެ ކަމަށާއި އެމެރިކާގެ އެޕްސޯޓަކުން ވެސް އެ އެޕްލިކޭޝަން ފުހެވިގެންދާނެ ކަމަށް ބެލެވެއެވެ.
އެމެރިކާއިން ބުނެފައިވާ އެންގުމަށް ޗައިނާއިން އެއްބަސްނުވެފައިވަނީ، މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެޅޭ ހުރަހެއްކަމަށް ދެކި، މިފަދައިން ޗައިނާގެ އެޕްލިކޭޝަނެއްގެ އޯނާޝިޕް ބަދަލުކޮށްފިނަމަ މީގެ އަސަރު ޗައިނާއިން އުފައްދާފައިވާ އެހެން އެޕްލިކޭޝަންތަކަށް ވެސް ކޮށްފާނެކަމަށް ބެލެވޭތީ ކަމަށް ބުނެއެވެ.
އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި މި މައްސަލައާމެދު ވަކިގޮތެއް ނުނިންމިއްޖެނަމަ މާދަމާއިން ފެށިގެން އެމެރިކާގައި ޓިކްޓޮކް ބޭންވާނެއެވެ. އަދި ޓިކްޓޮކަށް އެ ޤައުމަށް ވަންނަން މަސައްކަތް ކުރާ ފަރާތްތަކަށް ވަދެވޭނީ، މި ބޭންވުމާ ގުޅޭގޮތުގެ މައުލޫމާތު ހިމެނޭ ވެބްސައިޓަކަށް ކަމަށް ވެސް ބުނެފައިވެއެވެ.



