މާލޭގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ ނަގަން ޚާއްސަ ހަރަކާތެއް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ގްރޭޓާ މާލެ ސަރަހައްދުގައި މިއަދު ފަށައިފިއެވެ.
އެ މިނިސްޓްރީން ބުނީ މި ހަރަކާތުގައި އެ މިނިސްޓްރީގެ 75 އޮފިޝަލުން ބައިވެރިވާނެ ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށްދާނީ މިއަދު ހެނދުނު 9:15 އިން ހަވީރު 6:00 އާ ހަމައަށް ކަމަށް ވެސް ބުނެފައިވެއެވެ.
އެ ހަރަކާތުގައި އެޑިއުކޭޝަން ސެކްޓާއަށް ނިސްބަތްވާ މައިގްރެންޓް ވޯކާސްގެ އިތުރުން ބޮޑެތި ބައެއް ކުންފުނިތަކުގެ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ތިލަފުއްޓާއި ގުޅީފަޅުގައި ވެސް ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މައިގްރެންޓް ވޯކާސް ސްކްރީން ކުރުމުގެ މަސައްކަތް އެންޓިޓިޕް އޮފީހުން ކުރިއަށް ގެންދިއުމަށްވެސް ރޭވިފައިވެ އެވެ.
މި ހަރަކާތަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް އަމާޒުހިފައި ”ކުރަނގި“ އޮޕަރޭޝަންގެ ދަށުން ހިންގާ ހަރަކާތެކެވެ. ކުރަނގި އޮޕަރޭޝަން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ.
ހޯމްލޭންޑް މިނިސްޓްރީން ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރުގެ އޮކްޓޫބަރުގެ 22 ގެ ނިޔަލަށް 6891 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފައިވެ އެވެ.



