އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލް ކޮށްލާނެ ކަމަށް ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ވިލިމާލެ ދާއިރާގެ މަންބަރު އަދި އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑައު މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ފަރާތުން މަޖިލިހަށް މިމައްސަލަ ވެއްދީ މިނިސްޓަރު އިހުސާން ޤާނޫނާ ޚިލާފަށް މަސައްކަތް ކުރައްވާކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި މި މައްސަލަ މަޖިލިހަށް ވައްދާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންގެ ސޮއިއާ އެއްކޮށެވެ.
އޭގެ ތެރޭގައި އެމްޑީޕީއިން ފާހަގަ ކޮށްފައިވާ ބައެއް މައްސަލަތައް:
- ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް، ރާއްޖޭގެ ކުންފުންޔަކުން އެކްސްޕެޓް ސިސްޓަމެއް ޤާއިމުކޮށްފައިވަނިކޮށް، އެ ނިޒާމު ހުއްޓުވައި، ބްލެކްލިސްޓު ކޮށްފައިވާ މެލޭޝިއާގެ ކުންފުންޔަކާ އެ މަސައްކަތް ހަވާލުކުރުން.
- ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވުމާއި، ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ތަކުރާރުކޮށް ހުރަސް އެޅުން
- ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށް ނަގައި، އެ މީހުންގެ ރުހުމާއި ނުލާ ޕީއެންސީއަށް ވެއްދުން
- ސައްހަ ނޫން ފޯމުތައް ފުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ޑީއެންއާރުގެ ވަސީލަތްތަކާއި އެ އޮފީހުގެ މުވައްޒަފުން ބޭނުންކުރުމާއި، އެކަންކަން ސީދާ މިނިސްޓަރު އިހުސާންގެ ބެއްލެވުމުގެ ދަށުން ކުރިޔަށް ގެންދިޔުން
މި މައްސަލައާ ގުޅޭގޮތުން މުހައްމަދު އިސްމާއިލް ވިދާޅުވީ މިނިސްތަރު އިހުސާންގެ މައްޗަށް ޕީއެންސީގެ ފުރިހަމަ އިތުބާރު އޮތް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު އޮތްހާހިނދަކު މި މައްސަލަ ކުރިއަށް ގެންދަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.



