ފާޑުކިޔުމުގެ ނަމުގައި ދިވެހިރައްޔިތުންނަކީ ނާތަހުޒީބު، ޑިމޮކްރެސީއާއި ދުރުބައެއް ކަމަށްބުނެ، ރައްޔިތުންނަށް ހަޖޫޖެހުމަކީ ދަށުދަރަޖައިގެ ޢަމަލެއް ކަމުގައި ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައި މިވަނީ މަގުމަތިން ސަރުކާރު ވައްޓާނުލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހީކޮށްގެން ނުވާނެ ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އަދި 2023 ގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި އުމަރު ނަސީރު ވިދާޅުވެފައިވުމާ ގުޅިގެން އޭނާއަށް ރައްދު ދެއްވަމުންނެވެ.
އެގޮތުން ޗެނަލް 13 އިން ދެއްކި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ”މިހާ ބޮޑަށް ދޮގު ހަދައި، އޮޅުވާލައިގެން ވެރިކަމަށް އައި ބަޔަކު ދުނިޔެއިން ވެސް ނުދެކޭ ކަމަށާއި، އަދި މިހާ ފާޅުކަން ބޮޑުކޮށް ވައްކަން ކުރާ ސަރުކާރެއް ވެސް ފެނިފައި ނުވާ“ ކަމަށެވެ.
އުމަރުގެ އެވާހަކަތަކަށް ރައްދު ދެއްވަމުން ނައިބު ރައީސް މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުޢިއްޒުއަކީ އަބަދުވެސް ބިނާކުރަނިވި ފާޑުކިޔުމަށް ޖާގަދެއްވާ ބޭފުޅެއް ކަމަށެވެ.
”އަދި އެއީ ގައުމަށް އަދި ރައްޔިތުންނަށް ހިދުމަތެއް ކޮށްދެއްވަން ނުކުމެވަޑަންނަވާ ކޮންމެ ވެރިއެއް ނުވަތަ ސިޔާސީ ބޭފުޅެއްގެ ކިބައިގައި ހުންނަންވާނެ ސިފައެެއް. އެހެންނަމަވެސް ފާޑުކިޔުމުގެ ނަމުގައި ދިވެހިރައްޔިތުންނަކީ ނާތަހުޒީބު، ޑިމޮކްރެސީއާއި ދުރުބައެއް ކަމަށްބުނެ، ރައްޔިތުންނަށް ހަޖޫޖެހުމަކީ ދަށުދަރަޖައިގެ އަމަލެއް.“ ނައިބު ރައީސް ހުސެއިން ލަތީފު ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒުއަށް ބައެއް އިދިކޮޅު ފަރާތްތަކުް އަބަދުވެސް އެކި ގޮތްގޮތުން ދުވަސްކޮޅުކޮޅުން ފާޑުކިޔަމުންދާއިރު، އޭގެތެރެއިން އެއްބަޔަކު އެމަނިކުފާނު އަޒުލުކުރުމަށް ވެސް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެމަނިކުފާނު މީގެން އެއްވެސް ކަމަކަށް ރައްދެއް ދެއްވާފައެއް ނުވެއެވެ.




