ގަދަފިނީގެ ސަބަބުން އެމެރިކާގެ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތު ބޭރުގައި ނުބާއްވާ، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ އެތެރޭގައި ބާއްވަން ނިންމައިފިއެވެ. ފާއިތުވީ 40 އަހަރު އެމެރިކާގެ ރައީސްކަމުގެ ހުވާކުރުން ބާއްވާފައިވަނީ ބޭރުގައެވެ.
އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ފިނީގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބެން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން، ހުވާ ކުރުމުގެ ރަސްމިއްޔާތާއި ބަޔާން އިއްވުމާއި އެހެނިހެން ޙަރަކާތްތައް، ކެޕިޓަލް ބިލްޑިންގގެ އެތެރެއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ ޤާނޫނު ހަދާ ބިލްޑިންގްގެ އެތެރޭގައި އެ ޤައުމުގެ ރައީސަކު ހުވާކުރުމުގެ ރަސްމިއްޔާތު އެންމެފަހުން ބާއްވާފައިވަނީ 1985 ވަނަ އަހަރު ރޮނަލްޑް ރޭގަން ހުވާކުރެއްވިއިރުއެވެ. އެއީ ވެސް ފިނިގަދަވުމުގެ ސަބަބުންނެވެ.
އެމެރިކާގެ ރައީސްކަމުގެ ހުވާކުރުން އޮތީ އަންނަ ހޯމަ ދުވަހުއެވެ. އެދުވަހު ޓްރަމްޕް ހުވާކުރާ ގަޑީގައި އެމެރިކާގެ ފިނިހޫނުމިން ހުންނާނީ މައިނަސް 7 ޑިގްރީސް ސެލްސިޔަސްގައި ކަމަަށް ވަނީ ލަފާކޮށްފައެވެ.
ޑޮނަލްޑް ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތު ކެޕިޓަލް ބިލްޑިންގއާ އިންވެގެން އޮންނަ ކެޕިޓަލް ވަން އެރީނާގައި ބޮޑެތި ސްކްރީންތައް ބަހައްޓައިގެން އެންމެންނަށް ދައްކައިލުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.



