އާޓިފިޝަލް ބީޗު ސަރަހައްދުގައި އިއްޔެ މާރާމާރީ ހިންގި ތިން ބިދޭސީއަކު ޑީޕޯޓުކޮށްލަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިނގި މައްސަލަ ރޭ 8:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިމާރާމާރީގެ މަންޒަރު ރިކޯޑުކުރި ދިވެއްސަކާމެދު ވެސް އެމީހުން މާރާމާރީ ހިންގި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން އިންޑިއާއަށް ނިސްބަތްވާ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދު މިއަދު ”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ތިން ބިދޭސީން އިމިގްރޭޝަނާ ފުލުހުން ހަވާލުކޮށްފައިވާ ކަމަށެވެ.
”މި އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން. އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން.“ ޝަމްއާން ވިދާޅުވެފައިވެއެވެ.
ހަފްތާ ބަންދުތަކާއި އަދި ޚާއްސަކޮށް ހުކުރު ދުވަހާ ދިމާކޮށް ބިދޭސީން މިފަދައިން މާރާމާރީ ހިންގާ މައްސަލަ މިފަހަކަށް އައިސް ތަކުރާރުވާތީ، މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



