ހަމާސް ޖަމާއަތުން މިނިވަން ކުރާނެ އިޒްރޭލުންގެ ނަންތައް ހިމެނޭ ލިސްޓު ނުލިބެނީސް ހަނގުރާމަ ހުއްޓާލާނެ ކަމުގެ ޔަގީންކަން ނުދެވޭނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ބުނެފިއެވެ.
ދިގު 15 މަސް ދުވަހަށްފަހު އިޒްރޭލުން މެދުއިރުމަތީގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ރަސްމީކޮށް ހުއްޓާލަން ނިންމާފައިވާ ދުވަހަކީ މިއަދެވެ.
ނަތަންޔާހޫ ރޭގެ ވަގުތެއްގައި ބުނީ ހަމާސްއާއެކީ ސުލްހަވެރި އެއްބަސްވުމަކަށް ދެވުނީތީ އުފާކުރާ ކަމަށާއި ނަމަވެސް އެ އެއްބަސްވުމާއެކީ ކުރިއަށްދެވޭނީ ހަމާސް އިން މިނިވަންކުރަން ނިންމާފައިވާ މީހުންގެ ލިސްޓު ލިބުމުން ކަމަށެވެ.
މީގެއިތުރުން ނަތަންޔާހޫ ވަނީ، ހަމާސްއާއެކީ ވެފައިވާ އެއްބަސްވުން ރޫޅާލުމުގެ ބާރާއި ޙައްޤު އިޒްރޭލަށް ލިބިގެންވާ ކަމަށާއި އެކަމުގައި އެމެރިކާ ވެސް އޮތީ އިޒްރޭލާއެކު ކަމަށް ބުނެ އިންޒާރު ދީފައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ހަމާސްގެ ހައްޔަރުގައި އިޒްރޭލުގެ 33 ސިފައިން އެބަތިއްބެވެ. އޭގެ ބަދަލުގައި އިޒްރޭލުން ވަނީ ޣައްޒާގެ އެތައް ސަތޭކަ ރައްޔިތަކު ހައްޔަރުކޮށްފައެވެ.



