ހުޅުމާލޭ ފުރަތަމަ ފިޔަވަހިންނާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ރޭގައި ކަރަންޓު ކެނޑިފައިވަނީ، ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭގައި ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެގެން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ރޭ 11:00 ހާއިރު ކަރަންޓު ކެނޑިފައިވަނީ ހިޔާ ފްލެޓު 9ވަނަ ޓަވަރުން 16 ވަނަ ޓަވަރާ ހަމައަށެވެ.
އޭގެއިތުރުން ހުޅުމާލޭ ފުރަތަމަ ފިޔަވަހިންނާއި އެމްޕީއެލްގެ ފްލެޓުތަކުން ވެސް ރޭގައި ކަރަންޓު ކެނޑިފައިވެއެވެ.
ކަރަންޓް ކެނޑުނު ޓަވަރުތަކަށް ރޭ 12:15 ހާއިރު ސްޓެލްކޯ އިން ވަނީ ކަރަންޓް ދީފަ އެވެ.
ސްޓެލްކޯ އިން ބުނީ، ހިދުމަތް މެދުކެނޑި ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްކުރުމަށް ކަރަންޓުގެ ވިއުގައިގެ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސް ކުރާ ކަމަށެވެ.



