ޕީޕަޕްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަގަށް މީހުން ވެއްދި ކަމަށް ބުނާ މައްސަލައިގައި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލަށާއި ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށް އިސްކޮށް ހަރަކާތްތެރިވި މީހުންގެ މައްސަލަ ބަލައިދިނުމަށް އެދިފައިވާނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.
އެމްޑީޕީގެ ޤާނޫނީ ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައްސަލައިގެ ތަފުސީލު ހާމަކުރައްވާ އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވީ ފުލުހުންނަށް މިހާތަނަށް 68 މައްސަލައެއް ހުށަހަޅާފައިވާނެ ކަމަށާއި އޭގެތެރެއިން އެންމެ މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދިޔަ ނަމަވެސް، މުޅި ހަރަކާތް ހިންގާފައިވާ ގޮތް ނިއުޅިގެންދާނެ ކަމަށެވެ.
މަގްފޫޒް ވިދާޅުވީ ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ހާއްސަ ގޮތެއްގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންއާއި ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކުރި މެންބަރު މުހައްމަދު އިސްމާއިލާއި، ފޯމުތަކުގައި ސޮއިކުރި އެހެން މީހުންނާ އަދި އެ ކަމުގައި ޝާމިލުވި ޑީއެންއާރުގެ އިސް މުވައްޒަފުންގެ އިތުރުން ޖުމްލަ ގޮތެއްގައި ކަމުގައި ބައިވެރިވި އެންމެނަށް ތަހުގީގު އަމާޒުކޮށްދިނުމަށް އެ ޕާޓީން އެދިފައިވާނެ ކަމަށެވެ.
ފޯމުތަކުގައި ހެއްކެއްގެ ގޮތުގައި ސޮއި ކުރުމާ ގުޅޭގޮތުން އެމްޕީ މުހައްމަދު އިސްމާއިލް މީގެ ކުރިން ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުން މަހްފޫޒް ވިދާޅުވީ ހެކިންގެ ގޮތުގައި ސޮއިކުރާ މީހާ ދޭ ކަށަވަރު ކަމަކީ އެ މީހާގެ ހާޒިރުގައި ސޮއިކުރިކަން ކަމުގަ އެވެ.




