ރާއްޖެއިން ބޭރަށް ބޭރު ފައިސާ ގެންދިއުމަށް މަސައްކަތްކުރި އިންޑިއާ ރައްޔިތަކު 12,000 ރުފިޔާއިން ޖޫރިމަނާކޮށް، އޭނާ ގެންދަން އުޅުނު ފައިސާ ދައުލަތަށް ނެގުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ އިންޑިއާގެ 27 އަހަރުގެ އަބްދުލް ރަގޫބް ނިސްތާރު ހަލީލް ރަހުމާންގެ މައްޗަށެވެ.
މިމައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ވަނީ ހުސްވި އަހަރުގެ ސެޕްޓެމްބަރު 2 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ސްރީލަންކާއަށް ދަތުރުކުރުމުގެ ކުރިން ޗެކިންގ ކުރިއިރު، އޭނާގެ ދަބަހުން ގިނަ އަދަދެއްގެ ބޭރު ފައިސާ ފެނުނު ކަމަށް ބުނެއެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގައި، 14 ސިޓީ އުރައެއްގައި 104,977 އެމެރިކާ ޑޮލަރާއި 31,585 ޔޫރޯ އަދި 180 ސްވިސް ފްރޭންކާއި 100 ދިރުހަމް ފެނިފައިވާ ކަމަށާއި އޭނާގެ ބެކްޕެކުން އިތުރު 7 ސިޓީ އުރަ ފެނިފައިވާ ކަމަށް ބުނެފައިވެއެވެ.
ކްެރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކޮށްފައިވާ ޙުކުމްގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާގެ އަތުން ފެނުނު ސިޓީ އުރަތަކުގައި 32,395 ޑޮލަރާއި 18,790 ޔޫރޯ ހުރިކަން ފާހަގަކޮށް ބުނެފައި ވަނީ މި ފައިސާ ޑިކްލެއަރ ނުކޮށް ބޭރުކުރަން މަސައްކަތްކޮށްފައިވާތީ، އެ ފައިސާ ދައުލަތަށް ނެގުމަށް ކަސްޓަމްސްއިން އެދިފައިވާ ކަމަށެވެ.
ރަގޫބް ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެހެންކަމުން، އޭނާގެ މައްޗަށް ކުށް ސާބިތުވެ، 12,000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ ދެ މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ކްެރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މީގެއިތުުރުން، ބޭރުކުރަން އުޅުނު ފައިސާ ކަސްޓަމްސްއަށް ނެގުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.


