ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ހިންގާ އަސާސީ ތަމްރީނު ކޯހުގެ 39 ވަނަ ބުރު މިއަދު އައްޑޫ ސިޓީގައި ރަސްމީކޮށް ފަށައިފިއެވެ.
މި ކޯސް ފެށުނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައެވެ.
ކޯހުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަޙްމާނެވެ. މި ރަސްމިއްޔާތުގައި ކޮލެޖުގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން މުދައްރިބުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
17 ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގައި ޖުމްލަ 210 ފުލުހުން ބައިވެރިވާއިރު މީގެ ތެރޭގައި ހިމެނެނީ 48 އަންހެން ފުލުހުންނާއި 162 ފިރިހެން ފުލުހުންނެވެ.
ފުލުހުންގެ ހިދުމަތުން ހާމަކޮށްފައިވާ ގޮތުގައި މި ކޯހުގައި ފުލުހުންގެ މަސައްކަތަށް ބޭނުންވާ އަސާސީ ތަމްރީނާއި ތަރުބިއްޔަތުގެ އިތުރުން، އިލްމީ ގާބިލުކަމާއި ހުނަރު އަދި ތަޖުރިބާ ލިބިދިނުމަށް އަމާޒުކޮށްގެން ކިޔަވައިދެވޭނެއެވެ. އަދި ކޯހުގެ މުޤައްރަރުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސްގެ އިތުރުން، ގާނޫނާއި ގަވާއިދުތަކާއި ފުލުހުންގެ މަސައްކަތާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ވެސް މަޢުލޫމާތު ދެވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.


