ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމުގައިވާ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޢައިބު ޒަކަރިއްޔާ އަވަހާރަވެއްޖެއެވެ.
ޝުޢައިބު ޒަކަރިއްޔާ އަވަހާރަވެވަޑައިގެންނެވީ އަލާސްކަންފުޅާ އުޅުއްވުމަށްފަހު، އުމުރުފުޅުން 55 އަހަރުގައެވެ.
ޝުޢައިބުގެ ޖަނާޒާ މިރޭ އާސަހަރާގައި މިރޭ 23:00 ގައި އޮންނާނެ ކަމަށް ވަނީ އިޢުލާނު ކޮށްފައެވެ.
ޝުޢައިބު ޒަކަރިއްޔާއަކީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ އިތުރުން، ރާއްޖޭގެ ޝަރުޢީ ދާއިރާގެ އެކި މަޤާމުތަކުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރުކަމާއި، ޚާއްޞަ ޤާޟީކަމާއި، ފެމިލީ ކޯޓުގެ ޤާޟީކަމާއި، މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ޤާޟީކަން ހިމެނެއެވެ.
ހައިކޯޓުގައި 11 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، ޝުޢައިބު ޒަކަރިއްޔާ ވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހު ރިޓަޔަރ ކުރައްވާފައެވެ.
ތަޢުލީމީ ގޮތުން ޝުޢައިބު ޒަކަރިއްޔާއަކީ ޤާނޫނާއި ޝަރީޢަތުގެ ދާއިރާއިން ފުރަތަމަ ޑިގްރީއާއި، މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރސް އޮފް ކޮމްޕަރެޓިވް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.



