މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބާލިންގައި ރާއްޖެ އިޝްތިހާރުކުރުމަށް 200 ޓެކްސީ ބޭނުންކޮށްގެން ބޮޑު ކެމްޕޭނެއް ފަށައިފިއެވެ.
މި ކެމްޕޭނަކީ އައިޓީބީ ބާލިން 2025 ގައި ބައިވެރިވުމުގެ ގޮތުން ކުރިއަށްގެންދާ ޙަރަކާތެކެވެ.
އެމްއެމްޕީއާރުސީން ބުނާ ގޮތުގައި މިއީ ވިޒިޓް މޯލްޑިވްސްއިން މިހާތަނަށް ކުރިއަށްގެންދިޔަ އެންމެ ބޮޑު އައުޓްޑޯ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. މި ކެމްޕޭންގެ ސަބަބުން ޖަރުމަނުވިލާތުގައި ރާއްޖެއަކީ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިތުރަށް ފާހަގަކުރެވިގެންދާނެއެވެ.
ފެބުރުވަރީ 7 އިން ފެށިގެން މާރިޗު 13 އާ ހަމައަށް ކުރިއަށްދާ މި ކެމްޕޭންގައި، ބާލިން އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އާއި އައިޓީބީ ބާލިން ހިމެނެއެވެ. އެމްއެމްޕީއާރުސީން ލަފާކުރާ ގޮތުގައި މި އިވެންޓުތަކުގައި 600،000 އަށްވުރެ ގިނަ މީހުން ބައިވެރިވާނެއެވެ.
ކެމްޕޭންގައި ބޭނުންކުރާ ޓެކްސީތަކުގައި ރާއްޖޭގެ މުނިފޫހިފިލުވުމުގެ މަންޒަރުތަކާއި ޝައުޤުވެރިކަން އުފެއްދޭފަދަ މެސެޖުތައް ހިމެނޭނެއެވެ. މީގެ އިތުރުން ބާލިންގެ މަޝްހޫރު ސަރަހައްދުތަކުގައި ރާއްޖެ ޕްރޮމޯޓްކުރެވޭނެއެވެ. އަދި ބާލިނޭލްގައި ޚާއްޞަ ބިލްބޯޑުތަކެއް ވެސް ބެހެއްޓޭނެއެވެ.
އެމްއެމްޕީއާރުސީން ބުނާ ގޮތުގައި މި ކެމްޕޭނަކީ ބްރޭންޑް ވިޒިބިލިޓީ އިތުރުކޮށް، ޖަރުމަނު ފަތުރުވެރިންގެ މެދުގައި ރާއްޖެއާމެދު އޮންނަ ޝައުޤުވެރިކަން އިތުރުކުރުމަށް ރޭވިފައިވާ ކެމްޕޭނެކެވެ.
މި ކެމްޕޭންގެ އިތުރުން، އައިޓީބީ ބާލިންގައި އެމްއެމްޕީއާރުސީން އެހެން ހަރަކާތްތަކެއް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި ޓްރެވަލް އިންޑަސްޓްރީއާއި މީޑިއާއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކާއި، ފަތުރުވެރިކަމާ ގުޅޭ ސެމިނާތަކާއި، ޕެނަލް ޑިސްކަޝަންތަކުގެ އިތުރުން މީޑިއާ އާއި ނޫސްވެރިންނަށް ޚާއްޞަ އިވެންޓެއް ކަމަށްވާ އައިއެމްއެމް ހިމެނެއެވެ.
މި ޕްރޮމޯޝަނަލް ކެމްޕޭން ފެށުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ޚާއްޞަކޮށް ޖަރުމަނުވިލާތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.




