ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މެރިން އެކްސްޕޯ 2025 ގެ މައި ސްޕޮންސަރެއްގެ ގޮތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ހަމަޖައްސައިފިއެވެ.
މިކަން ހާމަކޮށް އެމްޓީސީސީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މޯލްޑިވްސް މެރިން އެކްސްޕޯގެ 10 ވަނަ އެޑިޝަންގެ މައި ސްޕޮންސަރގެ ގޮތުގައި އެކުންފުނި ހަމަޖައްސަައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިންތިޒާމުކޮށްގެން ބާއްވާ މިއެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 6 އިން 9 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
އެންބީއޭއެމްއިން ކުރިން ހާމަކޮށްފައިވާ ގޮތުގައި މި އެކްސްޕޯގައި މަޝްހޫރު އިންޓަނޭޝަނަލް ބްރޭންޑުތަކުގެ ބޯޓުތަކާއި، މެރިން ސްޕެއާއާއި މެޝިނަރީގެ އިތުރުން މަސްބޭނުމަށް ބޭނުންކުރާ ސާމާނާއި ވޯޓާ ސްޕޯޓްސް އިކުއިޕްމަންޓާއި އަދިވެސް އިތުރު ތަކެތި ދައްކައިލާނެއެވެ. އަދި މި އިވެންޓަކީ އާންމުންނަށް ހުޅުވާލެވިފައިވާ އިވެންޓެއް ކަމަށާއި، މި އިވެންޓުން ޝައުގުވެރި ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް ވެސް އެންބީއޭއެމްއިން ބުނެފައިވެއެވެ.
މީގެ އިތުރުން، މި އެކްސްޕޯގެ ތެރެއިން ”ފިޝަމަންސް ނައިޓް“ އެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފައިވާ ކަމަށް ވެސް އެންބީއޭއެމްއިން ބުނެފައިވެއެވެ. މި އިވެންޓުގައި މަސްވެރިންނަށް ޚާއްސަ ޕްރޮމޯޝަންތަކަކާއެކު މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާތައް ބާއްވާނެ ކަމަށް އެންބީއޭއެމްއިން ބުނެފައިވެއެވެ.
ހަމައެއާއިއެކު މިއެކްސްޕޯގެ ސަބަބުން މެރިން އިންޑަސްޓްރީއާއި މަސްވެރިކަމުގެ ސިނާއަތުގެ ސްޓޭކްހޯލްޑަރުންނަށް ފަހި ޕްލެޓްފޯމެއް ކަށަވަރުވެގެންދާނެ ކަމަށް ވެސް އެންބީއޭއެމްއިން ބުނެފައިވެއެވެ.



