އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަމަށް ހުސްވެފައިވާ ދެ މަގާމަށް އައްޔަނު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ނަންތަކުގެ ތެރެއިން އެއް ނަން ބަދަލު ކުރައްވައި އަލުން ފޮނުއްވައިފިއެވެ.
ދައުރުން ބޭރުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ރައީސް މުޢިއްޒު ވަނީ އޭސީސީގެ މެންބަރުކަމަށް އައްޔަނު ކުރެއްވުމަށް ނަންތަކެއް ފޮނުއްވާފައެވެ.
އޭސީސީގެ މެންބަރުކަމުގެ ދެ ގޮނޑި ހުސްވީ އެކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމާއި މެމްބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ. އެ ދެ މެންބަރުން އިސްތިއުފާ ދެއްވީ އެ ދެ މެންބަރުންގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން މަޖިލީހުން ތައްޔާރުވެފައި ވަނިކޮށެވެ.
އޭސީސީގެ މެންބަރުކަމަށް އައްޔަނު ކުރުމަށް ރައީސް މިއަދު ފޮނުއްވާފައިވަނީ މއ. ގޯލްޑަން މޫން، އަހުމަދު ނާޝިދު އާއި ފަސާނާ/ރ. އަލިފުށި، އަބްދުﷲ ނާޝިދު އެވެ.
ރައީސް ކުރިން އިސްކަންދެއްވި ނަންތަކުގެ ތެރޭގައި އަބްދުﷲ ނާޝިދުގެ ބަދަލުގައި ހިމެނެނީ އާސިޔާ އަޒީމާ، ރޯޒްވިލާ/ރ. ހުޅުދުއްފާރެވެ.




