އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ ޖީ. ބަލަސުބްރަމަނިއަމް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލްގެ އަރިހަށް މިއަދު އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި މި ބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަށް މިނިސްޓަރު މަރުޙަބާ ދަންނަވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ދެެޤައުމު ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހްމަތްތެރިކަން ފާހަގަކުރައްވައި، އިންޑިއާ ސަރުކާރުގެ ފަަރާތުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމަށްޓަކައި ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި އިންޑިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ދެއްވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމަށް ފައިދާހުރި ކަންތައްތައް ހާސިލްކުރުމަށްޓަކައި ސަރުކާރާއެކު ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ވެސް އެރުވިއެވެ.
ފޮރިން މިނިސްޓަރުގެ އަރިހުގައި މި ބައްދަލުވުމުގައި ފޮރިން ސެެކްރެޓަރީ ފާތިމަތު އިނާޔާ، އެމްބެސެޑަރ އެޓް ލާޖް، މުހައްމަދު ފަހުމީ ހަސަން، އިންޑިއާ ޑިވިޜަންގެ ޖޮއިންޓް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ، ޑިރެކްޓަރ އަޙްމަދު ސުޒިލް އަދި ޑިރެކްޓަރ އާއިޝަތު ޝަހުލާ ބައިވެރިވެވަޑައިގެންނެވިއެވެ. އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ އަރިހުގައި ޑެޕިއުޓީ ހައިކޮމިޝަނަރ ކުމާރް ގޯރަވް ބައިވެރިވެވަޑައިގަތެވެ.


