ކުރިއަށް އޮތް ރޯދަމަހަށް ކަރަންޓުގެ ދަތިކަން ކުރިމަތިވާ 46 ރަށެއްގެ މައްސަލަ ޙައްލުކުރެވޭނެކަމުގެ ޔަޤީންކަން ފެނަކަ ކޯޕަރޭޝަނުން ދެއްވައިފިއެވެ.
ދައުތަލުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވީ މިވަގުތު ރަށްތަކުގެ ކަރަންޓުގެ މިހާރުގެ ޙާލަތު ދެނެގަތުމަށް ޓެކްނިކަލް ދިރާސާތަކެއް ކުރިއަށްދާ ކަމަށެވެ. އަދި ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް މީގެ ކުރިންވެސް ދިރާސާތަކެއް ހަދާފައިވާ ކަމަށާއި، އެގޮތުން މައްސަލަ ދިމާވާ 46 ރަށެއް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ރަށްތަކަށް ޖެނެރޭޓަރު ހޯދުމުގެ މަސައްކަތް މާލިއްޔަތު ވުޒާރާއާ ގުޅިގެން ކުރިއަށްދާކަން ހާމަކުރައްވާ ނަޖާޙް ވިދާޅުވީ ފެނަކައިގެ ލަނޑުދަނޑިއަކީ އައު ޖެނެރޭޓަރު ގަނެގެންނާއި މަރާމާތުކުރަން ޖެހޭ ޖެނެރޭޓަރުތައް މަރާމާތުކޮށްގެން ރޯދަމަހަށް ކަރަންޓުގެ ދަތިކަން ހުރި ރަށްތަކުގެ މައްސަލަ ޙައްލުކުރުން ކަމަށެވެ.
މި މަސައްކަތްތަކާ ގުޅިގެން، ފެނަކައިން ވަނީ މި އަހަރުގެ ހޫނު މޫސުމާއި ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން 39 ޖެނެރޭޓަރެއް ހޯދުމަށް އިޢުލާންކޮށްފައެވެ. މިކަމާ ގުޅިގެން، ކުރިއަށް އޮތް ރޯދަމަހު ގިނަ ރަށްތަކެއްގައި ކަރަންޓުގެ މައްސަލަ ޙައްލުވެގެންދާނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ރޯދަމަސް ފެށުމުގެ ކުރިން ކަރަންޓުގެ ދަތިކަން ހުރި ރަށްތަކުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް އެމަނިކުފާނު ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައެވެ. މި ވަޢުދާ އެއްގޮތަށް ފެނަކައިން މިހާރު ވަނީ އެމަސައްކަތް ފައްޓަވާފައެވެ.



