ކ. އަތޮޅު ކާށިދޫގެ ބާ ހުކުރު މިސްކިތުން ފެނުނު އާސާރީ ހޯދުންތަކާ ގުޅިގެން ޚާއްޞަ ދިރާސާއެއް ފަށައިފިއެވެ.
ހެރިޓޭޖް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ދިރާސާގެ މަސައްކަތްތައް ކުރިއަށްދާނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހާ ހަމައަށެވެ.
މިއީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި، ޔުނިވަސިޓީ އޮފް އީސްޓް އެންގްލިއާ އާއި ދިވެހި ބަހުގެ އެކެޑަމީގެ އިތުރުން މެރިޓައިމް އޭޝިޔާ ހެރިޓޭޖް ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން އިތުރަށް ބުނީ 2020 ވަނަ އަހަރު ކާށިދޫގެ ކުރީގެ ހުކުރު މިސްކިތުން ފެނުނު އާސާރީ ހޯދުންތަކާ ގުޅިގެން ކުރިއަށް ގެންދާ މި ދިރާސާގެ ތެރެއިން މިސްކިތް ބިނާކޮށްފައިވާ ސަރަޙައްދުގެ ބިމުގެ އަޑިން ފެންނަ އާސާރީ ތަކެއްޗާމެދު ޢަމަލުކުރަންވީ ގޮތުގެ އަސާސީ މިންގަނޑުތައް ދިރާސާގެ ބައިވެރިންނާ ހިއްސާކުރެވޭނެ ކަމަށެވެ.
މި ދިރާސާގައި ޔުނިވަސިޓީ އޮފް އީސްޓް އެންގްލިއާގައި މާސްޓަރސް ފެންވަރުގެ ކޯހެއް ފުރިހަމަކުރަމުންދާ ދެ ދިވެހި ދަރިވަރުން ބައިވެރިވާކަންވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
”މި މަސައްކަތުގެ ސަބަބުން ދިވެހިރާއްޖޭގެ އާސާރީ ތަރިކައާ ބެހޭ ގޮތުން އައު މަޢުލޫމާތުތަކެއް ލިބި، މި ދާއިރާގައި ޚާއްޞަވެފައިވާ ތަޖުރިބާކާރުންތަކެއް އުފެދިގެންދާނެ ކަގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަން،“ މިނިސްޓްރީން ބުނެފައިވެއެވެ.



