މިފްކޯގެ އައިސް ޕްލާންޓުތަކަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން ބައެއް ރަށްރަށުގައި އައިސް ލިބުން މެދުކެނޑިފައިވާ ކަމަށާއި މިމައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މި ވަގުތު އައިސް ނުލިބެނީ ވަކި ވަކި ރަށްރަށެއްގައެވެ. އެގޮތުން ސ. ހުޅުމީދޫގައި ހުރި އައިސް ޕްލާންޓުގެ އެއް ބަޔަށް މައްސަލަ ޖެހި، އަނެއް ބައިން ގޭސް ބޭރުވަމުންދާ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.
މީގެ އިތުރުން ގދ. ގައްދޫ އާއި ތިނަދޫގެ އައިސް ޕްލާންޓުތަކުގެ ވަކި ބަޔަކަށް މައްސަލަ ދިމާވެފައިވާ ކަމަށާއި ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން އާންމު ގޮތެއްގައި މަދު އަދަދަކަށް އުޅަނދުފަހަރަށް އައިސް އަޅައިދޭ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.
މިފްކޯއިން އިތުރަށް ބުނީ މިހާރު ދިމާވެފައިވާ މައްސަލަތައް ދާއިމީކޮށް ހައްލުކުރުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހަމައެއާއިއެކު، އައިސް ލިބުމުގައި ދަތިތަކެއް ހުރިކަމުގައިވީ ނަމަވެސް މަސް ގަތުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.



