ދިގު މުއްދަތެއް ވަންދެން ނުނިމި ލަސްވަމުންދާ ޖާހު ކުންފުނީގެ ފްލެޓްތަކުގެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އާދޭސްކޮށް ސިޓީއެއް ފޮނުވާފައިވެއެވެ.
’ދަ ގާޑަންސް‘ ފްލެޓްތަކުގެ މައްސަލައިގައި ހިއްސާވާ ފަރާތްތަކުގެ ވަކީލުން ކަމުގައިވާ ޝުނާނާ އެންޑް ކޯ އިން ރައީސަށް ފޮނުވި ސިޓީގައި، އެޗްޑީސީން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އާންމުންނަށް ގެއްލުން ނުވާނެހެން ބެލެހެއްޓުމަކީ އެ ކުންފުނީގެ އަމާނާތެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ފްލެޓްތައް ހަވާލުކުރަންޖެހޭ މުއްދަތުގައި ހަވާލުނުކުރުމުގެ ސަބަބުން މިމައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބޭ ގެއްލުންތައް ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ މަޝްރޫއުތައް ހަވާލުކުރެވޭ ކުންފުނިތަކުން މުއްދަތަށް ނުނިންމާނަމަ، އެއްބަސްވުން އުވާލައި އެހެން ފަރާތަކާ ހަވާލުކުރުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.
ޝުނާނާ އެންޑް ކޯ އިން އިތުރަށް ފާހަގަކޮށްފައިވަނީ، ފްލެޓްތައް ނިންމުމަށް ކުންފުނިތަކަށް ދޭ މުއްދަތު އިތުރުކުރަމުން ދިއުމުގެ ސަބަބުން ފްލެޓަށް ފައިސާ ދެއްކި ފަރާތްތަކަށާއި، ދައުލަތަށް އަދި މުޅި މުޖުތަމައުއަށް ގެއްލުން ވަމުންދާ ކަމަށެވެ.
މި މައްސަލައިގައި ރައީސްގެ އަރިހުން އެހީއަށް އެދެން ޖެހުނީ، ކަމާގުޅޭ އިދާރާތަކަށް މައްސަލަ ހުށަހެޅުމަށްފަހުވެސް ދެ އަހަރު ވަންދެން އެއްވެސް ހައްލެއް ނުލިބުމުން ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.



