ޖެނީވާގައި ކުރިއަށްދާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރް) ގެ 48 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ސެޝަން ކުރިއަށްދަނީ ޕެލޭ ޑި ނޭޝަންސްގައި ދެ ހަފުތާގެ މުއްދަތަށެވެ.
ރާއްޖޭގެ ވަފުދު އިސްކޮށް ހުންނަވާނީ އ.ދ އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. މީގެ އިތުރުން ވަފުދުގައި ކައުންސެލަރ އާދަމް ހާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް އަދި އެޓާޝޭ މުޙައްމަދު ރާއިދު ސައީދު ހިމެނިވަޑައިގަންނަވައެވެ.
މި ސެޝަންގައި ދިވެހި ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށް، ރިވިއުކުރެވޭ ޤައުމުތަކަށް ފައިދާހުރި ހުށަހެޅުންތަކެއް ރާއްޖޭގެ ވަފުދުން ހުށަހަޅުއްވާނެއެވެ.
މިފަހަރުގެ ސެޝަންގައި ޖުމްލަ 14 ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ރިވިއުކުރެވޭއިރު، މީގެ ތެރޭގައި އެންގޯލާ، ބޮލީވިއާ، ބޮސްނިއާ އަދި ހަރޒެގޮވީނާ، މިސްރު، އެލް ސަލްވަޑޮރ، ފީޖީ، ދަ ގެމްބިއާ، އީރާން، އިރާޤް، އިޓަލީ، ކަޒަކްސްތާން، މެޑަގަސްކާ، ސެން މެރީނޯ އަދި ސްލޮވީނިއާ ހިމެނެއެވެ.
ޔޫ.ޕީ.އާރްގެ ހަތަރުވަނަ ރިވިއު ސައިކަލް ފެށިފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މި ސައިކަލް ނިމޭނީ 2027 ވަނަ އަހަރުއެވެ. ޔޫ.ޕީ.އާރްގެ މައިގަނޑު މަޤްޞަދަކީ އ.ދ.ގެ މެމްބަރު ޤައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ވަޒަންކޮށް، އެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް ބެލުމެވެ.



