ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުމުގެ މަސައްކަތް މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ފުއްދުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީ ޑރ. ފާޠިމަތު މުނާއެވެ. ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ ހެކްސްޓަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޝަރީފެވެ.
މި މަޝްރޫޢުގެ ދަށުން އަޅާ އިމާރާތްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، އަދި ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންގެ މަސައްކަތަށް ފަހި، ވަސީލަތްތައް ފުރިހަމަ އިމާރާތްތަކެކެވެ. މި މަސައްކަތް ކުރިއަށްގެންދާނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ.
ސަރުކާރުގެ މަޢުލޫމާތު ދެއްވާ ގޮތުގައި މިހާތަނަށް 187 ކައުންސިލަކަށް ޖާގައާއި ވަސީލަތްތަކުގެ ދަތިކަން ހުރިކަން ފާހަގަކުރެވިފައިވެއެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ޙާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިމާރާތް އަޅައި ނިންމުމެވެ.



