އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ދެ މަޤާމަށް އައު މެންބަރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވުނު ޚާއްޞަ ބައްދަލުވުމެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ދެ ނަންފުޅު ކަމުގައިވާ މއ. ގޯލްޑަންމޫން އަޙްމަދު ނާޝިދު އަދި ރ. އަލިފުށި ފަސާނާ ޢަބްދުﷲ ނާޝިދުގެ ނަންފުޅުތަކަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ދެ ބޭފުޅުންނާ ބައްދަލުކޮށް ސުވާލުކުރުމަށްފަހު، ދެ ބޭފުޅުންނަށްވެސް ވަނީ 75 އިންސައްތައަށްވުރެ މަތިން ޕޮއިންޓް ލިބިވަޑައިގެންފައެވެ.
މަޖިލީހުގެ ޖަލްސާގައި ކޮންމެ ބޭފުޅަކަށް ވަކިން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އެއްބަސްވުމާއެކު ދެ ބޭފުޅުންވެސް އޭސީސީގެ މެންބަރުކަމަށް މިދެބޭފުޅުން ހޮވިވަޑައިގެންފައިވާއިރު، މި ދެ ބޭފުޅުންނާ ގުޅޭގޮތުން އިތުރު ޝަކުވާއެއް އޮތްތޯ ބެލުމަށް ދެވުނު މުއްދަތުގައި އެއްވެސް މައްސަލައެއް ހުށަހެޅިފައިނުވާކަން ކޮމިޓީގެ ރިޕޯޓުން އެނގެއެވެ.
އޭސީސީގެ މި ދެ މަޤާމު ހުސްވެފައިވަނީ ކުރީގެ ނައިބު ރައީސް އަދި އެއް މެންބަރަކު މަޤާމުން ވަކިވުމާ ގުޅިގެންނެވެ. އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވާފައިވަނީ އެ ބޭފުޅުންނާ މެދު ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި، މަޖިލީހުގެ ކޮމިޓީން އެ ދެ ބޭފުޅުން ވަކިކުރުމަށް ނިންމާފައިވަނިކޮށެވެ.
އޭސީސީގެ މެންބަރުކަމުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ.



