ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ކަނދުފަތީގެ ޑިޒައިންއަށް ބަދަލު ގެނައުމަށްޓަކައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި މިކަމާއި ގުޅޭ ގޮތުން މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޚިޔާލު ވަނީ ހޯދާފައެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މިއީ ކަނދުފަތި ޤާއިމްކުރުމުގެ މަސައްކަތް އިތުރަށް ތަރައްޤީކުރުމަށް ހިންގޭ އެންމެ ބޮޑު މަސައްކަތް ކަމަށެވެ. އަދި މި ވޯކްޝޮޕްގެ މައިގަނޑު އަމާޒަކީ މިހާރު ހުރި ކަނދުފަތިތަކުގެ ފެންވަރު ވަޒަންކޮށް، ދިމާވާ މައްސަލަތަކާއި މަސްލަހަތުވެރިންގެ ކަންބޮޑުވުންތައް ދެނެގަތުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ބޭނުންކުރަމުންދާ ކަނދުފަތިތަކަކީ 20 އަހަރު ކުރިން ޑިޒައިންކޮށްފައިވާ ތަކެތި ކަމަށާއި، މި ކަނދުފަތިތައް އަވަހަށް ހަލާކުވެ މަސްވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ފާހަގަކުރެވިފައިވެއެވެ. މީގެ ސަބަބުން ޚަރަދުވެސް ބޮޑުވާ ކަމަށް އެވުޒާރާއިން ބަޔާންކުރައްވާފައިވެއެވެ.
އާ ޑިޒައިންގެ ކަނދުފަތިތަކަކީ ޒަމާނީ ޓެކްނޮލޮޖީއާ ރައްޓެހި ތަކެތިކަން ކަމަށާއި އެފްއޭއޯގެ އެހީތެރިކަމާއެކު މި އަހަރުގެ ތެރޭގައި އާ ޑިޒައިންގެ ދެ ކަނދުފަތި ރާއްޖޭގެ ދެ ސަރަހައްދެއްގައި އެޅުމަށް ހަމަޖެހިފައިވާ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.
މިހާރު ރާއްޖޭގައި ދޮށީގެ މަސްވެރިކަމަށް 65 ކަނދުފައްޗާއި ސްޕޯޓްސް ފިޝިންއަށް 26 ކަނދުފަތި އަޅާފައިވާ ކަމަށް އެވުޒާރާއިން މައުލޫމާތުދެއެވެ. މި ޕްރޮޖެކްޓަކީ މިދިޔަ އަހަރު ވަޒީރު ޝިޔާމް އިޓަލީ ވިލާތަށް ކުރެއްވި ދަތުރުފުޅެއްގައި އެފްއޭއޯއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދެވޭ މަސައްކަތެއް ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.




