ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ދިނުމަށް އަމިއްލަ އިމާރާތްތަކެއް އެކަށީގެންވާ ފެންވަރެއްގައި ގާއިމުކުރެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ ރ. އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅު ވާދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ވިދާޅުވީ ފުލުހުންގެ ހިދުމަތް މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެއް ކަމަށާއި އެކަމަށް ޚާއްސަ މަޝްރޫޢުއެއް ފަށާފައިވާ ކަމަށެވެ.
”އަމާޒަކީ މި ފެށިގެން މިދާ އަހަރު ނިމެންވާއިރަށް، 2025 ވަނަ އަހަރުގެ ނިޔަލަށްދާއިރުގައި މުޅި ރާއްޖޭގައި ވެސް ކޮންމެ ރަށެއްގައި ވެސް، އެ ރަށެއްގައި އެންމެ އެކަށީގެންވާ ފެންވަރުގައި ޕޮލިސް ހިދުމަތް ދެވޭނެ އަމިއްލަ ތަނެއް. ތަނެއް ކުއްޔަށް ހިފައިގެނެއް ނޫން. އަމިއްލަ އިމާރާތެއް، އެކަމަށް އެންމެ އެކަށީގެންވާ ފެންވަރެއްގައި ގާއިމުކުރުން،“ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެގޮތުން އެ މަޝްރޫޢުފެ ދަށުން ވާދޫގައި ވެސް އެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ތިން ދުވަހުގެ މުއްދަތަކަށް ރައީސް މުޢިއްޒު ފައްޓަވާފައިމިވާ ދަތުރުފުޅުގައި ރ. އަތޮޅުގެ 11 ރަށަކަށް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
އެގޮތުން ވާދޫގެ އިތުރުން އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ، އަދި އުނގޫފާރަށެވެ.
ރައީސްގެ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.



