ރައީސުލްޖުމްހޫރްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ.އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރަސްގެތީމަށް ވަޑައިގެން، އެރަށު ކައުންސިލްގެ އާ ޢިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މި އައު ޢިމާރާތް އެޅުމުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުއެވެ. މިއީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓުީ ބަޖެޓުން ކުރިއަށް ގެންދެވުނު މަޝްރޫޢެކެވެ.
ރަސްގެތީމު ކައުންސިލްގެ ރައީސް މުޙައްމަދު ފަޠީން ވިދާޅުވެފައިވާ ގޮތުގައި ކުރިން ބޭނުންކުރަމުން އައި ކައުންސިލް އިދާރާގެ ޢިމާރާތް ވަނީ ބާވެ ހަލާކުވެފައެވެ. އެހެންކަމުން، އާ އިމާރާތެއް އެޅުމަށް ނިންމީ އެތަނުގައި މަސައްކަތްކުރުމަކީ ނުރައްކާތެރިކަމަކަށްވުމުންނެވެ.
ފަޠީން އިތުރަށް ހާމަކުރެއްވި ގޮތުގައި، މިހާތަނަށް ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ވަގުތީގޮތުން ކުއްޔަށް ހިފާފައިވާ ތަނެއްގައެވެ. ނަމަވެސް، މި އާ ޢިމާރާތް ހުޅުވުމާއެކު، ކައުންސިލްގެ މަސައްކަތްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެގެންދާނެއެވެ.
”މި އައު ޢިމާރާތުގައި ކޮންމެ ކައުންސިލް މެންބަރަކަށް ވަކި އޮފީހެއް ލިބިފައިވާއިރު، ސެކްރެޓަރީ ޖެނެރަލް އަދި ބަޖެޓް ޔުނިޓަށްވެސް ވަކި މަސައްކަތު ސަރަޙައްދުތަކެއް ކަނޑައެޅިފައިވޭ. އަދި ޑަބްލިޔުޑީސީގެ މަސައްކަތްތަކަށާއި އެހެނިހެން އިދާރީ ޚިދުމަތްތަކަށްވެސް އެކަށީގެންވާ ޖާގަ ލިބިފައިވޭ. މީގެއިތުރުން، ބޮޑެތި ބައްދަލުވުންތައް ބޭއްވުމަށް ޚާއްޞަ ކޮންފަރެންސް ހޯލަކާއި ކައުންސިލްގެ ޖަލްސާތައް ބޭއްވުމަށް ވަކި މާލަމެއްވެސް ހިމެނިފައިވޭ.“ މިފަދައިން ވިދާޅުވީ ރަސްގެތީމު ކައުންސިލްގެ ރައީސް މުޙައްމަދު ފަޠީނެވެ.



