ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ލިބޭ ފަންޑުތަކަށް އެ ޖަމްއިއްޔާގެ ކުރީގެ ވެރިޔާ ބައްސާމް އަދީލް ޖަލީލު ޚިޔާނާތްތެރިވި މައްސަލައިގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާ އުފުލައިފިއެވެ.
މިދިޔަ އާދީއްތަ ދުވަހު މިމައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރި ދަޢުވާގައި ބުނެފައިވާ ގޮތުގައި، ބައްސާމް އެފްއޭއެމްގެ ފައިސާއިން 1,919,950 ޑޮލަރު ޖަމާކުރުމަށްފަހު، އަމީން އެވެނިއުގެ އެޕާޓްމަންޓެއް ގަތުމަށް، އެ ފައިސާގެ ތެރެއިން 1,000,000 ޑޮލަރު ނެގޭނެހެން ކުންފުންޏަށް ދޫކުރި ޗެކުގައިވާ ފައިސާއަކީ އެފްއޭއެމްގެ ފައިސާކަން އެނގިހުރެ، އަމީން ކޮންސްޓްރަކްޝަނުން އެ ފައިސާ ބަލައިގަތްކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
މީގެއިތުރުން، އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުޢާމަލާތެއްކަމަށް ބަޔާންކޮށް، ބޭންކް އޮފް ސިލޯނަށް ސިޓީއެއް ފޮނުވައި، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމަށް އަނބުރާ ދެއްކުމަކާ ނުލައި، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ނަގުދު ފައިސާއިން ދީފައިވާކަން ދެއްކުމަށް އަމީން ކޮންސްޓްރަކްޝަންގެ ނަމުގައި ކޭޝް ވައުޗަރުތަކެއް ތައްޔާރުކުރިކަމަށްވެސް ދަޢުވާގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި އެފްއޭއެމަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 1,000,000 ޑޮލަރު ނަގައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ޢަމަލުގެ ސަބަބުން، ބައްސާމް ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕާޓްމަންޓް 1205 އަދި 1206 ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ބައްސާމްގެ މައްޗަށް މިހާރު ޚިޔާނާތުގެ ދެ ދަޢުވާއަކާއި މަނީ ލޯންޑްރިންގގެ ދެ ދަޢުވާއެއް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.




